ކާށްޓަކީ ތާރީޚީގޮތުން އަރުޝީފްވެފައިވާ އެއްޗެކެވެ: ކާށީގެ އެތައް ޒަމާނެއްވީ ގަދީމީ ތާރީޚު .
- Ibrahim Rasheed
- Aug 8
- 7 min read
Updated: Aug 11

ޖަޒީރާވަންތަ މަންޒަރުތައް ދައްކުވައިދޭ އެންމެހައި ކުރެހުންތަކުގައި ވެސް ރުކެއް ނުވަތަ ކާށްޓެއް ފެންނަން ހުންނާނެއެވެ. ދިވެހިރާއްޖޭގެ ރަށްފުށާއި، އަތިރިމަތީގެ ކޮންމެ ހިސާބަކުން ވެސް، ރުކުން ކުރުނބާ އަޅައިގެން، ބުއިންތަކުން މެހުމާންނުންނަށް ކަމޭހިތުމުގެ ގޮތުން، ކުރުނބާ ފަދަ ތަކެތިން ޙިދުމަތް ފޯރުކޮށްދީ ހަދައެވެ. ސިއްހަތާއި ދުޅަހެޔޮކަމަށް ފިހާރަތަކުގެ ކޮންމެ ހަރުގަނޑަކުން ވެސް ކާށީގެ ބާވަތްތަކުން އުފައްދާފައިވާ ކޮންމެވެސް އެއްޗެއް ވިއްކަން ހުރެއެވެ. ރުކަކީ ދުނިޔޭގައި އެންމެ ފަސޭހައިން ފާހަގަކުރެވޭ އެއް ގަހެވެ. އަދި ގިނަ މީހުންނަށް، މިއީ ވަރަށް އާންމު، ފަރިތަ ގަހަކަށް ވުމުން މިގަހާއި މެދު ޝައްކެއް ނެތް މިންވަރަށް ޔަގީންކަން އޮވެއެވެ.
ކާށި އަންނަނީ ކޮންތާކުންކަން ގާތްގަނޑަކަށް އެނގިދާނެއެވެ. ކޮންމެވެސް ހޫނު ޖަރީރާވަންތަ ހިސާބަކުންނެވެ. އިރުދެކުނު އޭޝިއާ، ޖާވާކަރަ ނުވަތަ އިންޑިއާއިން ކަމަށް ވެދާނެއެވެ. ނުވަތަ ކާށްޓަކީ ކަނޑުގެ އޮއިވަރުގައި ޖެހިގެން، ރާޅާއެކު އޮޔާގޮސް، ދިޔަވަރުން ގެންދިޔަ ކޮންމެވެސް ރަށެއްގެ އަތިރިމައްޗަށް ލައްވެ ފަޅައިގެން ހެދޭ އެއްޗެއް ކަމަށް ބުނާ ވާހަކަ އަޑު އިވިފައި އޮވެދާނެއެވެ.
އެއީ ހިތްގައިމު މަންޒަރެކެވެ. ހޫނު ކަނޑެއްގެ ތެރޭގައި މަޑު މަޑުން އޮޔާދާ ކާށްޓެއް، އެންމެ ފަހުން ފަޅު ރަށެއްގެ ގޮނޑުދޮށަށް ލައްވެ، މޫލައި ހެދިގަންނަ މަންޒަރެވެ. ގުދުރަތީ ގޮތުން ދިރުން ކުރިއަށް ދާނެ މަގެއް ހޯދާ ގޮތެވެ. އެކަމަކު މިކަމުގައި އޮތް ހަގީގަތަކީ މިއީއެވެ. ކާށީގެ ޑީއެންއޭ (DNA) މިކިޔައިދިން އެއްވެސް ވާހަކައަކާ އެއްބަހެއް ނުވެއެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދި ކާށީގެ ބޮޑު ސާމްޕަލްތަކެއް ބޭނުންކޮށްގެން ސައިންސްވެރިން ފުޅާ ދާއިރާއެއްގައި ޖެނެޓިކް އެނަލިސިސްއެއް (genetic analysis) ހެދުމުން، އެމީހުންނަށް ފެނުނު ހޯދުންތަކުން ކާށި އުފެދުނު ގޮތުގެ ތާރީޚަށް ހަމައެކަނި އިތުރު ތަފްސީލުތަކެއް ގެނެސްދިނީކީ ނޫނެވެ. އޭގެ ބަދަލުގައި، ކުރިން ގަބޫލުކުރެވިފައި އޮތް މުޅި ވިސްނުން އެފުށްމިފުށަށް ޖަހާލިއެވެ. ކާށި އުފެދުނީ ހަމައެކަނި އެއް ތަނަކުންނެއް ނޫނެވެ. އަދި އެ ދަތުރުކުރީ ހަމައެކަނި އެއް މަގަކުންނެއް ވެސް ނޫނެވެ.
ކާށީގެ އެތައް ޒަމާނެއްވީ ގަދީމީ ތާރީޚުގެ ތެރޭގައި ސިއްރުވެފައި ވަނީ، ދުނިޔެ ދުށް އެންމެ މޮޅު ކަނޑުދަތުރުވެރިންގެ ވާހަކަތަކުން ވަނީ ހާމަވެފައެވެ. އެމީހުން ހުޅުވިފައިވާ ބޮޑެތި ކަނޑުތައް ހުރަސްކޮށް ކުރި ދަތުރުތަކަކީ، މިއަދު ވެސް އަޅުގަނޑުމެންނަށް އެކަންކަން އެއްކޮށް ދެނެގަންނަން ދަތިވެފައިވާ ފަދަ އާދަޔާއި ޚިލާފު ދަތުރުތަކެކެވެ.
ވަރަށް ވެސް ކުރީގެ މާޒީއަކަށެވެ. ސަބަބަކީ ކާށީގެ މާޒީއަކީ ގިނަ މީހުން ހީކުރާ ވަރަށްވުރެ މާބޮޑަށް ވެސް ދުވަސްވީ އެއްޗަކަށް ވާތީއެވެ. ނިއުޒީލެންޑުން ފެނިފައިވާ ފޮސިލް (fossil) ރެކޯޑުތަކުން ދައްކާ ގޮތުގައި، މީގެ ގާތްގަނޑަކަށް 15 އިން 20 މިލިއަން ހައި އަހަރު ކުރިން މަޔޯސީން، Miocene ޒަމާނުގައި) އެތަނުގައި ރުއް ފަދަ ގަސްތަކެއް ހެދިފައި ހުއްޓެވެ. އެއަށްވުރެ ވެސް ކުރީގެ، ކާށްޓާ ވައްތަރު ފޮސިލްތަކެއް އުތުރުކަރައިން ވަނީ ފެނިފައެވެ. މި ފޮސިލްތައް ނިސްބަތްވަނީ މީގެ 56 މިލިއަން އަހަރު ކުރިން ފެށުނު އީއޯސީން (Eocene) ޒަމާނަށެވެ. މީގެ މާނައަކީ، ކާށްޓާ ވަރަށް އެއްގޮތް ސިފަތަކެއް ހުރި އެއްޗެއް ދުނިޔޭގައި އުޅޭތާ އެތައް މިލިއަން އަހަރެއް ވެއްޖެ ކަމެވެ. މިކަން އިތުރަށް ސާފުކޮށްދޭ ނަމަ، އުތުރުކަރައިން ފެނުނު އެ ފޮސިލްތަކަކީ އިންސާނުން ދުނިޔެމައްޗަށް އައުމުގެ އެތައް ޒަމާނެއް ކުރީގެ، ސިކުނޑިއަށް ވެސް ގެންނަން ދަތިހާ ކުރީގެ އެއްޗިއްސެވެ. އިންސާނުންގެ އެންމެ ކުރީގެ ކާބަފައިން ދުނިޔެއަށް އައިއިރު ވެސް ކާށީގެ އާއިލާއަކީ ވަރަށް މުސްކުޅި އާއިލާއެކެވެ. އަދި ޒަމާނީ އިންސާނުން ކަނޑުދަތުރުތައް ފެށިއިރު ވެސް މިއީ ވަރަށް ބޮޑަށް ގަދީމީ ވެފައިވާ އެއްޗެކެވެ.
ޒަމާނީ ޖެނެޓިކް ދިރާސާތަކުން ދައްކާ ގޮތުގައި، މިއަދު އަޅުގަނޑުމެންނަށް ފެންނަ ކާށީގެ އެންމެ ބޮޑު ޖެނެޓިކް ޑައިވަރސިޓީއެއ genetic diversity - (ނަސްލީ ތަފާތުވުންތަކެއް) ފެންނަން އޮތީ ސެންޓްރަލް އިންޑޯ-ޕެސިފިކް ސަރަހައްދުގައެވެ. މިއީ ދެކުނު އަދި އިރުދެކުނު އޭޝިއާއިން ފެށިގެން ގޮސް މެލަނޭޝިއާގެ ރަށްތަކާ ހަމައަށް ފެތުރިފައިވާ ވަރަށް ބޮޑު ސަރަހައްދެކެވެ. ބަޔޮލޮޖީގައި (biology)، އެންމެ ބޮޑު ޖެނެޓިކް ތަފާތުވުންތަކެއް ހުންނަ ތަނަކީ ގާތްގަނޑަކަށް އަބަދުވެސް އެ އެއްޗެއް އެންމެ ފުރަތަމަ އުފެދި، އެންމެ ގިނަ ދުވަސް ވަންދެން ބަދަލުވުން(އިވޯލްވް- (evolveތައް އައި ތަނެވެ. އެންމެ ތަފާތު ގިނަ ބާވަތްތަކުގެ ކާއްޓާއި އެންމެ އޮޅުންބޮޅުން ބޮޑު ޖެނެޓިކް ފަށަލަތަކާއި، އަދި އެންމެ ފުން ނަސްލީ މޫތައް، މި ހުރިހާ އެއްޗެއް ވެސް ގުޅިފައިވަނީ މި ސަރަޙައްދާއެވެ. އަދި މިއީ ބުއްދިއަށް ވެސް ގަބޫލުކުރެވޭ ކަމެކެވެ. އެކަމަކު، އެ ސަރަޙައްދުގެ ސީދާ ކޮން ތަނަކުން ކަމާއި، އަދި އެ އަސްލު ވަޒަނުން ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ކާށި ފެތުރިގެން ދިޔައީ ސީދާ ކިހިނެއްކަމާމެދު އުފެދޭ ސުވާލަކީ، ފެނުމަތީގައި އޮޔާދާ ކާށްޓެއްގެ ސާދާ ވާހަކައިން ބުނެދޭ ވަރަށް ވުރެ މާ މުއްސަނދި އަދި އެހާމެ ބޮޑު ސިއްރެއްކަން ވަނީ ހާމަވެފައެވެ.
ސައިންސްގެ ހޯދުންތައް ހަގީގަތުގައި ވެސް ހައިރާން ކުރުވަނިވި ހިސާބަކަށް ދަނީ މިހާ ހިސާބުންނެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްކުރެވުނު 1,300 އަށްވުރެ ގިނަ ކާށީގެ ސާމްޕަލްގެ ޑީއެންއޭ (DNA)، ދިރާސާކުރާ ޓީމަކުން އެނަލައިޒް ކުރިއެވެ. މިއީ ދުނިޔޭގައި ކާށި ހެދޭ ކޮންމެ ސަރަހައްދެއްގެ އާބާދީތަކުގެ ޖެނެޓިކް މާކަރުތައް (genetic markers) ބެލުމަށް ކުރެވުނު ވަރަށް ފުޅާ އަދި އެހާމެ ފުރިހަމަ ދިރާސާއެކެވެ. މި ދިރާސާ ފެށިއިރު އެމީހުން އުންމީދު ކުރީ ކާށީގެ ޖެނެޓިކްސް އޮންނާނީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެ، އެކަތި އަނެކައްޗާ މަސްހުނިވެފައި ކަމަށެވެ. ގަސްގަހާގެހީގެ އިވޮލިއުޝަން ދިރާސާކުރައްވާ ބަޔޮލޮޖިސްޓް ކެނެތް އޮލްސަން ވެސް ވަނީ މިކަމަށް އެއްބަސްވެވަޑައިގެންފައެވެ. އޭނާގެ އުންމީދަކީ، އެތައް ސަތޭކަ އަހަރެއް ވަންދެން އިންސާނުން ކުރި ވިޔަފާރިއާއި، ދަތުރުފަތުރާއި، އަދި ގަސް އިންދުމުގެ ސަބަބުން ކާށީގެ އާބާދީތައް އެކަތި އަނެކައްޗާ ވަރަށް ބޮޑަށް އެކުވެފައިވާނެ ކަމަށާއި، ޖޯގްރަފިކް ތަފާތުތައް ދެނެގަތުމަކީ ގާތްގަނޑަކަށް ނާދިރު ކަމަކަށް ވާނެކަމަށެވެ. އޭނާގެ އަމިއްލަ ބަހުން ނަމަ، އޭނާ އުންމީދުކުރީ ފެންނާނީ "މިޝްމޭޝް" އެއް (ވަރަށް ބޮޑަށް މަސްހުނިވެފައިވާ އެއްޗެއް) ކަމަށެވެ.
ނަމަވެސް އެމީހުންނަށް ހަގީގަތުގައި ފެނުނު ނަތީޖާއިން އޭނާ ހައިރާން ކޮށްލިއެވެ. ދުނިޔޭގެ ކާށިތައް ވަރަށް ސާފުކޮށް، މުޅިން ތަފާތު ދެ ޖެނެޓިކް އާބާދީއަކަށް ބެހިފައި އޮތެވެ. އެއީ ކުޑަ ތަފާތަކުން ނޫނެވެ. ކުޑަކޮށް ވަކިވެފައެއް ވެސް ނޫނެވެ. ވަރަށް ސާފުކޮށް، އަދި އެހާމެ ފާޅުކަންބޮޑު ގޮތެއްގައި ތަފާތުވެފައިވާ ދެ އާބާދީއެވެ. އޭގެ ތެރެއިން އެއް އާބާދީ ނިސްބަތްވަނީ ޕެސިފިކް ކަނޑުގެ ސަރަޙައްދަށެވެ. އަނެއް އާބާދީ ނިސްބަތްވަނީ އިންޑިއާ ކަނޑުގެ ސަރަޙައްދަށެވެ. އަދި މި ދެ އާބާދީގެ ދެމެދުގައިވާ އިން ވަރަށް ސާފުކޮށް ފެންނަން އޮތެވެ. އެކަން ސާފުކަން ބޮޑުކަމުން، ހަމައެކަނި ކާށީގެ ޑީއެންއޭއަށް ބަލައިލުމުން، އެ ކާށި ނިސްބަތްވަނީ ކޮން ކަނޑަކަށްކަން ސައިންސްވެރިންނަށް ބުނެދޭން އެނގޭހާ ވެއެވެ. ދުނިޔޭގެ ދެބައިކުޅަ އެއްބައިގައި އެތައް ހާސް އަހަރެއް ވަންދެން އިންސާނުން އެއްތަނުން އަނެއް ތަނަށް ހިޖުރަކޮށް، ވިޔަފާރިކޮށް، ދަތުރުފަތުރު ކޮށްފައިވީ ނަމަވެސް، މި ދެ ޖެނެޓިކް އާބާދީން ވަނީ އެމީހުންގެ އަމިއްލަ ތަފާތު ސިފަތައް ހިފަހައްޓާފައެވެ. ސައިންސްވެރިން މިކަމަށް ކިޔަނީ "ޕޮޕިއުލޭޝަން ސްޓްރަކްޗަރ" (Population structure) އެވެ. މިއީ އެތައް ހާސް އަހަރެއް ވަންދެން އެކަތި އަނެކައްޗާ މަސްހުނިވެގެން ދިޔައިރު ވެސް އޭގެ އަސްލު ނުގެއްލި ސަލާމަތްވުމަށް އެހީވެދިން ވަރުގަދަ ސިގްނަލެކެވެ.

އިންސާނުންގެ އަތްމަތިން ކާށި ހޮވައި އާލާކުރަން ފެށުމުގެ ކުރިން ހުރި ވަލު ކާށިތަކުގައި، އޭގެ ސައިޒާ އަޅާބަލާއިރު ވަރަށް ބޯ، ބޮނބިގަނޑު ބޮޑު ތޮށްޓެއް ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ފެނުމަތީގައި އޮޔާދާން ރަނގަޅު ސިފައެއް ނަމަވެސް، މީހުން ކެއުމަށް އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. އޭގެ ހެރި (ފުށް ނުވަތަ ކާށި) ތުނިވާނެއެވެ. އަދި އޭގައި ހުންނަ ފެން މަދުވާނެއެވެ. އިންސާނުން އެތައް ޖީލެއް ވަންދެން ރުއްގަސް އިންދައި، އޭގެން އެންމެ ރަނގަޅު ބާވަތްތައް ހޮވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ކާށީގެ އެތެރެއިން ފެށިގެން ބޭރަށް އޭގެ ސިފަ މުޅިން ބަދަލުކޮށްލިއެވެ. އެތައް ޖީލުތަކަކާއި ގަރުނުތަކެއް ފާއިތުވެގެން ދިޔައިރު، އިންސާނުންގެ ނުފޫޒާއެކު ކާއްޓަށް ބަދަލުތަކެއް އައެވެ. މިސާލަކަށް، ޕެސިފިކް ސަރަހައްދުގެ ކާށިތަކުން "ނިއު-ވައި(NIU-VI)" ގެ ނަމުން ނަން ދެވިފައިވާ ކާށީގެ ވައްތަރެއް އުފެދުނެވެ. މި ބާވަތުގެ ކާށިތައް އާންމުކޮށް ވަށްވެފައި، އެތެރޭގައި ހުންނަ ދިޔާ ބައި (ލިކުއިޑް އެންޑޯސްޕަރމް) ނުވަތަ ކުރުނބާ ފެން ގިނަވާނެއެވެ. މީގެ އިތުރުން، މިއީ ކުރުކޮށް ހެދޭ، އަދި އަމިއްލައަށް ކުރިގަނޑު ފޯދުމުގެ (self-pollination) ސިފަ ވެސް ހުންނަ ރުއްރުކެވެ. ކުރު ރުއްތަކަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ސަބަބަކީ އެ ރުއްތަކުން އުމުރުގެ ކުރީކޮޅު، ގިނަފަހަރަށް އިންދާތާ މަދު އަހަރުތަކެއްގެ ތެރޭގައި މޭވާ އަޅަން ފަށާތީއެވެ. އަދި ކުރު ރުއްތަކުން ކާށި އެޅުމަކީ ވެސް ފަސޭހަ ކަމަކަށް ވާތީއެވެ.
މިއީ އިންސާނީ ތާރީޚުގައި ވެސް ފެނިފައިވާ އެންމެ އާދަޔާޚިލާފު އެއް ކަނޑުދަތުރުވެރިންގެ ތަހުޒީބެވެ. އަދި ފަހަރެއްގައި އެންމެ ބޮޑަށް އަގުވަޒަން ނުކުރެވި އޮތް ތަހުޒީބު ވެސް މެއެވެ. މީގެ ގާތްގަނޑަކަށް 4,000 އަހަރު ކުރިން ފެށިގެން، އޮސްޓްރޮނީޝިޔަން ބަހުން ވާހަކަދައްކާ މީހުން، މިހާރުގެ އައިލެންޑް ސައުތުއީސްޓް އޭޝިއާ (ފިލިޕީންސް،(ފެހެންފާނު) އިންޑޮނޭޝިއާގެ ރަށްތައް،( އަސޭކަރަ) އަދި ޓައިވާންގެ އައްސޭރިފަށާ ދުރުގައިވާ އުތުރުކަރަ، އޮޅުދޫކަރަ، ދިވެހިރާއްޖެ ރަށްތައް) ގެ އައްސޭރިފަށުން ފެށިގެން ބޭރަށް ފެތުރި، ޕެސިފިކްގެ ހުޅުވިފައިވާ ކަނޑުގެ ތެރެއަށް ދަތުރުކުރިއެވެ. އެމީހުން އެ ކަނޑަށް ނުކުތީކީ ލޯމަރައިގެންތިބެ، އެއްވެސް މިސްރާބެއް ނެތިއެއް ނޫނެވެ. އެމީހުން ދަތުރުކުރީ ވަރަށް ގަސްދުގައި، ވަރަށް ހުނަރުވެރިކަމާއެކުގައެވެ. ކަނޑުގެ ބާނިތަކާއި، ތަރިތައް ހުންނަ އުސްމިންތަކާއި، ވައި ޖެހޭ މިސްރާބުތަކާއި، އަދި ކަނޑުމަތީ ދޫނިތައް އުދުހޭ މަގުތައް ބޭނުންކޮށްގެންނެވެ. އެމީހުން ދަތުރުކުރި ގޮތަކީ، މިއަދުގެ ނެވިގޭޝަން (navigation) ތަޖުރިބާކާރުން ވެސް ހައިރާންވާ، އަދި މިއަދު ވެސް ފަރުވާތެރިކަމާއެކު ދިރާސާކުރަމުން އަންނަ އުކުޅުތަކެކެވެ. އެމީހުންގެ އުޅަނދުފަހަރު، ނުވަތަ ކަނޑުގެ ބާނިތަކުގައި ހިފަހައްޓައިދޭ އަރިމަތީ އޮއިވާލިތަކެއް ހިމެނޭހެން ވަރަށް ފުރިހަމައަށް ފަރުމާކޮށްފައިވާ އައުޓްރިގަރ ކެނޯތައް (outrigger canoes) ބަނދެފައިވަނީ ހަމަ ސީދާ މިފަދަ ހުޅުވިފައިވާ ބޮޑެތި ކަނޑުތައް ހުރަސްކުރުމަށެވެ.
އޮސްޓްރޮނީޝިޔަނުން (ޖާވާކަރަ ދެކުނުގެ ޖަޒީރާތަކުގެ މީހުން) މި ފެތުރިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އެއްބަހަކުން ވާހަކަދައްކާ އާއިލާއެއް ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެތުރިގެންދިޔަ އެއް ހާދިސާ އުފަންވިއެވެ. ހުޅަނގުން މަޑަގަސްކަރައިން ފެށިގެން އިރުމަތިން އީސްޓަރ އައިލެންޑާ ހަމައަށް، ( ރާފާނު ޖަޒީރާ) އަދި އުތުރުން ޓައިވާނުން ފެށިގެން ދެކުނުން ނިއުޒީލެންޑާ ހަމައަށް( އައޮތެއާރޯ ޖަޒީރާތައް )އެމީހުން ފެތުރިގެން ދިޔައެވެ. މި ހުރިހާ ތަނެއް ގުޅިފައިވަނީ ރަށަކުން ރަށަކަށް ދަތުރުކުރި އެ ފުރަތަމަ ކަނޑުދަތުރުވެރިންގެ ދަރިފަސްކޮޅާއެވެ. އަދި އެމީހުން ދަތުރުކުރިއިރު އެމީހުންނާއެކު ކާށި ވެސް ގެންދިޔައެވެ. އެމީހުން ކާށި ގެންދިޔައީ ހަމައެކަނި މުދަލެއްގެ ގޮތަކު ނޫނެވެ. އެއީ ދިރިހުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތުގެ ގޮތުގައެވެ. ދިގު، އަދި ހުޅުވިފައިވާ ކަނޑެއްގައި ކުރާ ދަތުރެއްގައި ކާށްޓަކީ ހަގީގަތުގައި ކޮންކަހަލަ އެއްޗެއްކަން ވަރަށް ރަނގަޅަށް ވިސްނާލާށެވެ. އެތައް މަހެއް ވަންދެން ހަލާކުނުވެ ހުންނަ، ގުދުރަތީ ގޮތުން ބަންދުކުރެވިފައިވާ ކާށްޓެއްގެ އެތެރޭގައި ތާޒާ ފެން ހުރެއެވެ. އެއީ ކަނޑުމަތީގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހު ހަކަތަ ބޭނުންވާ ވަގުތު ކެއުމަށް ބޭނުންކުރެވޭ ކެލޮރީ ގިނަ ކާނާއެކެވެ. އޭގެ ބޮނބިގަނޑު ފާކޮށްހަދައިގެން ބޮނބި ތަޅައިގެން ރޯނު ވެށެއެވެ. އޭގެ ހަރު ނާށިގަނޑު، ކެއްކުމަށް ނުވަތަ އެއްޗެހި އުފުލަން ބޭނުންކުރާ ކަންވާރަކަށް ބަދަލުވެއެވެ. އަދި ރަށަކަށް އެރުމަށްފަހު، އޭގެ ފަންތައް ބޭނުންކޮށްގެން ހިޔާވަހިކަން ހޯދުމަށް ފުރާޅު ހިޔާކުރެއެވެ. އޭގެ ލަކުޑި (ވަކަރު)، ގެދޮރު އެޅުމަށް ބޭނުންކުރެއެވެ. އޮސްޓްރޮނީޝިޔަނުން ހަމައެކަނި މޭވާއެއް އުފުލީކީ ނޫނެވެ. އެމީހުން އުފުލަމުން ދިޔައީ ދިރިހުރުމަށާއި ވަޒަންވެރިވުމަށް ބޭނުންވާ ވަސީލަތްތައް ހިމެނޭ، ފަސޭހައިން ގެންގުޅެވޭ ކިޓެކެވެ. މި ކިޓަކީ އެމީހުން ދާ ކޮންމެ ތާކު އިންދާލެވޭނެ އެއްޗެކެވެ. އަދި އެއީ އެންމެ ފުރަތަމަ ދަތުރުކުރި މީހުން ދުނިޔެ ދޫކޮށް ދިޔުމަށްފަހުވެސް، އެތައް ޖީލަކަށް އޭގެ ފައިދާ ލިބެމުންދާނެ ދިރިހުރި ވަސީލަތެކެވެ.
ދިރާސާކުރާ ފަރާތްތަކުން ހޯދާފައިވާ ގޮތުގައި، މި ގަދީމީ ކަނޑުދަތުރުވެރިން އިންޑިއާ ކަނޑު ހުރަސްކޮށް ހުޅަނގަށް، އިރުމަތީ އެފްރިކާގެ އައްސޭރިފަށުގައި އޮންނަ މަޑަގަސްކަރައާ ހަމައަށް ކުރި ދަތުރުތަކުގައި، އެމީހުން ދިޔަ މަގުމަތީގައި ހުރި ކާށިތަކުން ޖެނެޓިކް ނިޝާންތަކެއް ދޫކޮށްފައިވެއެވެ. ސައިންސްވެރިން މަޑަގަސްކަރަ އާއި އެ ސަރަހައްދުގައިވާ ކޮމޮރޯސް (Comoros) ރަށްތަކުގެ ކާށިތައް ތަހުލީލުކުރުމުން، އެމީހުންނަށް ވަރަށް އާދަޔާޚިލާފު ކަމެއް ފެނުނެވެ. އެއީ ޖެނެޓިކް މާއްދާތައް މަސްހުނިވެފައިވުމެވެ (Genetic mixture). އެ ކާށިތަކުގައި ޕެސިފިކް އާބާދީގެ ޑީއެންއޭ އާއި އިންޑޯ-އެޓްލާންޓިކް އާބާދީގެ ޑީއެންއޭ އެކުލެވިގެން ވެއެވެ. މިއީ އިރުދެކުނު އޭޝިއާ އާއި އެފްރިކާގެ އިރުމަތީ އައްސޭރިފަށް ގުޅުވައިދިން، ގަދީމީ އޮސްޓްރޮނީޝިޔަނުންގެ (ދެކުނުގެ ޖަޒީރާތަކުގެ މީހުން) ވިޔަފާރީގެ މަގުގައި ސީދާ ފެންނަން އޮތް ޖެނެޓިކް މަސްހުނިވުމެކެވެ. އަދި މިހާ ސާފުކޮށް މިކަން ފެންނަން އޮތީ ހަމައެކަނި މި މަގުންނެވެ. އެހެން އެއްވެސް ތަނަކުން މިގޮތަކަށް ނުފެނެއެވެ. މަޑަގަސްކަރައިގެ ކާއްޓަކީ، ހަގީގަތުގައި ގަދީމީ ހިޖުރަކުރުމުގެ މަގު ދައްކައިދޭ ދިރިހުރި ޖެނެޓިކް ރެކޯޑެކެވެ. ބަލަންވީ ކޯއްޗެއްކަން އެނގޭނަމަ، މިއަދުވެސް އެ ރެކޯޑު ކިޔާލެވޭނެއެވެ. މީލާދީ ސަނަތުން ފުރަތަމަ ހާސް އަހަރުގެ ތެރޭގައި މެނުވީ މަޑަގަސްކަރައިގައި މީހުން ވަޒަންވެރިވެފައެއް ނުވެއެވެ. އަދި އިންސާނުންގެ ޖެނެޓިކް ހެކިތަކާއި ކާށީގެ ޖެނެޓިކް ހެކިތަކުން ވެސް ދައްކާ ގޮތުގައި، އެތަނުގައި މީހުން ވަޒަންވެރިވުމުގެ އަސްލު ގުޅެނީ އޮސްޓްރޮނީޝިޔަނުންނާއެވެ. އެ ރަށުގެ ކާށިތަކުން ކިޔައިދެނީ ވެސް ހަމަ އެ މީހުންގެ ވާހަކައެވެ.
ހަމައެއާއެކު، އިންޑޯ-އެޓްލާންޓިކް ކާށިތައް ފެތުރިގެން ދިޔައީ އެހެން ނެޓްވޯކްތަކެއްގެ ތެރެއިންނެވެ. ޢަރަބި ވިޔަފާރިވެރިންނާއި ދެކުނު އޭޝިއާގެ ކަނޑުދަތުރުވެރިން އެމީހުންގެ އަމިއްލަ ވިޔަފާރީގެ މަގުތަކުން އިންޑިއާ ކަނޑު ހުރަސްކޮށް ކާށި އުފުލިއެވެ. މެދުކުރީގެ ޒަމާނުގެ (medieval era) ވިޔަފާރީގެ ތެރެއިން އިރުމަތީ އެފްރިކާއަށް ފޯރައި، ފާރިސީ ކަނޑުއޮޅީގެ Persian) (Gulf ސަރަޙައްދަށް ފެތުރި، އަދި ފަހުން ޔޫރަޕުގެ އިސްތިއުމާރީ އުޅަނދުތަކުން، ތާރީޚު އިލްމުވެރިން 'ކޮލަމްބިއަން އެކްސްޗޭންޖް-(Columbian exchange) ' ގެ ނަމުން ނަން ދީފައިވާ ދުވަސްވަރު ކެރީބިއަން އަދި އެމެރިކާ ބައްރުގެ އެޓްލާންޓިކް އައްސޭރިފަށަށް ގެންދިޔައީ މި ކާށިތަކެވެ.
ކުރިން އަޅުގަނޑުމެން އަޑުއަހަމުން އައި ވާހަކައާއި މެދު އިންސާފުވެރިކަމާއެކު ވިސްނާލުން މުހިންމެވެ. އެއީ ކާށި ފެތުރިގެން ދިޔައީ ހަމައެކަނި ކަނޑުގެ އޮއިވަރުގައި ޖެހި، އޮޔާގޮސް އަތިރިމަތިތަކަށް ލައްވެގެން ކަމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ކޮންމެވެސް އިރެއްގައި އަޑުއިވިފައިވާ ވާހަކައެވެ. މިއީ މުޅިން ގޯސް ވާހަކައެއް ނޫނެވެ. އަދި މި ވާހަކަ މުޅިން ދޮގުކުރުމަކީ އިންސާފަކަށް ވެސް ނުވާނެއެވެ. ކާށްޓަކީ ހަގީގަތުގައި ވެސް ފެނުމަތީގައި އޮޔާދިއުމަށް އުފެދިފައިވާ ވަރަށް ފުރިހަމަ އެއްޗެކެވެ. އޭގެ ބޯ، ބޮނބިގަނޑު ހުންނަ ތޮށްޓަކީ ލުއި އަދި ފެނުމަތީގައި އޮންނަން ވަރަށް ފަސޭހަ އެއްޗެކެވެ. އެތެރޭގައިވާ ހަރު ނާށިގަނޑުން، ލޮނުގެ ސަބަބުން ގަހުގެ އޮށް (އެމްބްރިއޯ) ހަލާކުވިޔަނުދީ ރައްކާތެރިކޮށްދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކާށި ސަތޭކަ ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން މޫދުގައި އޮޔާދިޔަސް، އެއްގަމާ ހަމައަށް ފޯރުމުން ފަޅައިގެން ހެދުމުގެ ގާބިލުކަން އޭގައި ހުރެއެވެ. ކައިރީގައިވާ ރަށްތަކުގެ މެދުގައި ކުރު ދަތުރުތައް، ގުދުރަތީ ގޮތުން މިގޮތަށް ހިނގާފައިވުން ވަރަށް އެކަށީގެންވެއެވެ. އޮޔާގޮސް މީހުން ދިރިނޫޅޭ ފަޅުރަށްރަށުގައި ކާށި ހެދުމަކީ، ގަބޫލުކުރެވޭ، އަދި ހަގީގަތަކަށް ވުން ވަރަށް ގާތް ކަމެކެވެ.
ތާރީޚީގޮތުން ކާށްޓަކީ އަރުޝީފްވެފައިވާ އެއްޗެކެވެ. (ތާރީޚީ މަސްދަރު އުފުލިގެންވެއެވެ). އެއީ އިންސާނީ ތާރީޚުގެ ވެސް ރެކޯޑެކެވެ. ކާށީގެ ކޮންމެ އާބާދީއެއްގެ ޑީއެންއޭގެ ތެރޭގައި، އެ އިންދީ ކާކުކަން، އެ އުފުލީ ކާކުކަން، އަދި ގަދީމީ ދުނިޔޭގެ ކަނޑުތައް ހުރަސްކޮށް އެމީހުން ދަތުރުކުރީ ކޮން މަގުތަކަކުންކަމުގެ ހަނދާންތައް ރައްކާކުރެވިފައި ވެއެވެ. އަދި މިކަމުގެ ސަބަބުން، މި ގަހާމެދު އަޅުގަނޑު ދެކޭ ގޮތް މުޅިން ބަދަލުވެ، އެއީ އަޅުގަނޑުގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވާ ކަމަކަށް ވެއްޖެއެވެ. ދުނިޔޭގެ ކޮންމެ ޖަޒީރާ އައްސޭރިފަށެއްގައި އާންމުވެފައިވާ، އެ އާދަޔާޚިލާފު، ބޮނބިގަނޑު ހުންނަ، ބަރު އެއްޗެއް ތިބާގެ އަތަށް ލައިގެން ހުންނައިރު، ތިބާ އެ ހިފަހައްޓައިގެން ހުރީ އެތައް ހާސް އަހަރެއްގެ އިންސާނީ ނިންމުންތަކުގެ ނަތީޖާއެވެ. ކޮންމެވެސް މީހަކު ގަސްދުގައި އެ އިންދަން ނިންމިއެވެ. ކޮންމެވެސް މީހަކު އެ އުޅަނދަކަށް އަރުވައިގެން، އުދަރެހުގެ އަނެއް ފަރާތުގައި އޮތީ ކޯއްޗެއްކަން ޔަގީން ނުވާ ހާލު، ބޮޑު ކަނޑަށް ނުކުންނަން ނިންމިއެވެ. ކޮންމެވެސް މީހަކަށް އޭގެ އަގު ވަރަށް ރަނގަޅަށް އެނގި، އެ އިލްމު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނެވެ. އަދި އެތައް ޖީލުތަކަކާއި، ތަހުޒީބުތަކަކާއި، ކަނޑުތައް ހުރަސްކޮށް ތަކުރާރުކޮށް ނިންމި އެ ނިންމުންތަކުގެ ސަބަބުން، އެންމެ ފަހުން ކާށި ދުނިޔޭގެ ހުރިހާ ތާކަށް ފެތުރިގެން ދިޔައީއެވެ. ގަދީމީ މީހުން އެމީހުންގެ ހިޖުރަތަކުގައި އެކުގައި ގެންދިޔަ ރުއްގަސްތަކަށް ސައިންސްވެރިން ކިޔަނީ "ކެނޯ ޕްލާންޓްސް – (canoe plants-)" އެވެ. ކާށްޓަކީ އިންސާނީ ތާރީޚުގައި ވެސް އެންމެ މުހިންމު ކެނޯ ޕްލާންޓް ކަމަށް ވެދާނެއެވެ. އެއީ ހަމައެކަނި ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި ގެންދިޔަ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ތަކުރާރުކޮށް އެ އިޚްތިޔާރު ކުރެވުނީ، އެއީ ހަގީގަތުގައި ވެސް އިޚްތިޔާރުކުރަން އެންމެ އެކަށީގެންވާ އެއްޗަކަށް ވީތީއެވެ. ނޭނގޭ މަންޒިލަކަށް ކުރާ ދިގު ދަތުރެއްގައި އެއީ ބޭނުންތެރި، މުހިންމު، އަދި އެއާ ނުލައި ނުވާނެފަދަ އެއްޗަކަށް ވީތީއެވެ.
ދެން ފަހަރަކުން ތިބާ ކާށްޓެއް ފަޅައިލާއިރު، ނުވަތަ ތަށްޓަކަށް ކުރުނބާ ފެން އަޅާއިރު، ނުވަތަ އަތިރިމަތީގައި ހުރި ރުކެއްގެ ކައިރިން ހިނގާފައި ދާއިރު، އެ ގަހުން ހަގީގަތުގައި ރަމްޒު ކޮށްދެނީ ކޮން ކަމެއްތޯ ވިސްނާލުމަށް ވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ. އެއީ ހަމައެކަނި ޖަޒީރާ ނިޝާނެއް ނޫނެވެ. އެއީ ޗާޓެކެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑެތި ކަނޑުތައް ހުރަސްކޮށް ކުރި ގަދީމީ ދަތުރުތަކުގެ ޖެނެޓިކް ރެކޯޑެކެވެ. އެ ދަތުރުތައް ކުރީ އަޅުގަނޑުމެންނަށް އެމީހުންގެ ނަންތައް ނޭނގޭ، އެމީހުންގެ އުޅަނދުތައް ފެންނަން ނެތް، އަދި އެމީހުންގެ ބަސްތައް ވެސް ގާތްގަނޑަކަށް ނެތިގޮސްފައިވާ ކަނޑުދަތުރުވެރިންތަކެކެވެ. ނަމަވެސް އެމީހުންގެ ނިންމުންތަކުން ވަނީ، އަޅުގަނޑުމެންނަށް ވާރުތަވި މި ދުނިޔޭގެ ބަޔޮލޮޖީގައި ދާއިމީ ނިޝާނެއް ދޫކޮށްފައެވެ. ރުކަކީ އެމީހުންގެ ހަނދާނީ ބިނާއެވެ. ދުނިޔޭގެ ކޮންމެ ޖަޒީރާ އައްސޭރިފަށެއްގައި ރުއް ހެދިފައި އެވަނީ، ގަސްދުގައި އެމީހުން އެތަނުގައި އެ އިންދީމައެވެ. އެކަން ކުރީ ފަހަރަކު ދަތުރަކުންނެވެ. ކާށި އައީކީ އެއް ތަނަކުންނެއް ނޫނެވެ. އެ އައީ ހުރިހާ ތާކުންނެވެ. ސަބަބަކީ ގަދީމީ އިންސާނުން ގަސްދުގައި، އެއްވެސް އާލަތެއް ނެތް އުޅަނދުތަކެއްގައި، އެތައް ހާސް ކިލޯމީޓަރެއްގެ ހުޅުވިފައިވާ ކަނޑުތައް ހުރަސްކޮށް ކޮންމެ ތާކަށް އެ ގެންދިޔައީތީއެވެ. އެމީހުންނަށް މަގުދެއްކީ، ހަމައެކަނި އިންސާނާގެ ސިކުނޑީގައި ރައްކާކުރެވިފައިވާ، އަދި އެހެން އެއްވެސް ތާކު ނުވާ އިލްމުންނެވެ. އަދި ޑީއެންއޭ ވަނީ އެކަން ސާބިތުކޮށްދީފައެވެ. ހުރަސްކޮށް ކޮންމެ ތާކަށް އެ ގެންދިޔައީތީއެވެ. އެމީހުންނަށް މަގުދެއްކެވީ، ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫވަތަޤާލާގެ ކުޅަދުންވަންތަކަމުން އެބައި މީހުންގެ ސިކުނޑިތަކުގައި އެ އިލްމު ލައްވަވާފައިވާތީއެވެ.
މައުލޫމާތު: ޑީކޯޑެޑް ކުރޮޕްސް އަދި ރެޓަޔަރޑް މޭޖަރ އަހްމަދު ނައީމް



Comments