top of page

ރުކުގައި ތައްޖެހުމުގެ އުސޫލުތައް

13 hours ago
2 min read

Updated: 4 minutes ago

ބަންޑާރަ 3 ތައްޖަހާފައިވާ ރުކެއް
ބަންޑާރަ 3 ތައްޖަހާފައިވާ ރުކެއް

ތައްޖަހަނީ ތައްކަށީންނެވެ. ތައްކަށްޓަކީ ދިގުހުރަހުގައި ގާތްނގަޑަކަށް 2 އިންޗި ހުންނަވަރުގެ ދަގަނޑު ހޮޅިބުރިއަކުން ހަދާފައި އޮންނަ އެއްޗެކެވެ. އެއްކޮޅު އޮންނަނީ ތޫނުކޮށްފައެވެ. އަނެއްކޮޅުގައި އޮންނަނީ މުށްގަނޑުގައި މަރުތޭލައަކުން ނުވަތަ މުގުރަކުން ތަޅައިގެންނެވެ. ރުކުގެ ތޮށިފަށްކެނޑި ވަކަރުގަނޑުގައި ޖެހެންދެން ތައްކަށިއެތެރެއަށް ވައްދާލަނީއެވެ. ތައްޖަހަނީ އެކަމަށްޓަކައި ސަރުކާރުން ފޮނުއްވާ ބަޔަކާ އަތޮޅުވެރިންގެ ފަރާތުން ދުރުވާ ބޭކަލަކާ، އެރަށެއްގެ ވެރިންގެ ފަރާތުން އެމަސައްކަތަށް ނެރުއްވާ ބަޔަކު ގުޅިގެންނެވެ. މިފަދަ ކަންކަމަށް އަތޮޅުތަކަށް ސަރުކާރުން ފޮނުއްވާ ބޭކަލުންނަށް ޢާންމުކޮށް ކިޔަނީ ބަންޑާރަވެރިން"ނެވެ. ނުވަތަ "ބަންޑާރަބޭކަލުން"ނެވެ. ނަމަވެސް ތައްޖަހާމީހުންނަށް ތައްކަށީމީހުން، ނުވަތަ ތައްކަށީ ބޭކަލުން ކިޔާކަމަށްވެއެވެ. ގަބޫލުކުރެވެނީ ސަރުކާރުން ފޮނުއްވާ ބަޔަކަށް ބަންޑާރަވެރިން ކީނަމަވެސް  މި މަސައްކަތުގައި ބައިވެރިވާ އެންމެން އެކުވުމުން ތައްކަށީބޭކަލުންނަށް ވަނީކަމަށެވެ.


     ރުއްގަސް އިންދުމަކީ އެޒަމާނުގެ  ދިވެހީން މެދުނުކެނޑި ކޮށްއުޅުނު މަސައްކަތެކެވެ. އެހެންވީމާ އަބަދުވެސް ރުއްގަސް ބޮޑުވަމުން ފޯދެމުންދެއެވެ. ކޮންމެއަހަރަކުވެސް އެތައްރުކެއް އަލަށް ފޯދެމުންދެއެވެ. ނަމަވެސް އެ ރުއްގަހުގައި ތައްޖެހުމަށް ކޮންމެއަހަރަކު އެއްފަހަރު ތައްކަށީބޭކަލުންނެއް ނުފޮނުއްވައެވެ. ތައްކަށީބޭކަލުން ފޮނުއްވަނީ އެރަށެއްގައި ތައްނުޖަހާތާ ގިނަދުވަސްތަކެއް ވެއްޖެކަމަށް ސަރުކާރަށް ފާހަގަކުރެއްވިގެން ތައްޖަހަން ބޭނުންވީމައެވެ.

A man skillfully climbs a tall coconut tree, surrounded by lush greenery and under a clear blue sky.
A man skillfully climbs a tall coconut tree, surrounded by lush greenery and under a clear blue sky.

 މީގެއިތުރަށް ރަށެއްގައި ފޯދިފައި ތައްނުޖަހާ ގިނަޢަދަދެއްގެ ރުއްގަސް ހުރެއްޖެނަމަ އެރަށެއްގެ ގޮއިފާލައްބަ ލިއުއްވައިގެން އުޅޭ ފަރާތުން އެކަން ސަރުކާރަށް ހުށަހަޅައިގެންވެސް ބައެއް ރަށްރަށަށް ތައްޖަހަން ބޭކަލުން ފޮނުއްވައެވެ. ތައްކަށީ ބޭކަލުން ދުރުވުމުން ރަށުގެ ރައްޔިތު އެންމެން އެހެނިހެން މަސައްކަތްތައް ހުއްޓާލައިފާ ރުއްގަހުގައި ތައްޖައްސުވަން ތިބެއެވެ.


     ތައްޖެހުމާ އަދި މީގެ އިތުރަށްވެސް ފަޅުރަށްރަށާ، ގޮއިފާލައްބަ، ހިންނަފަދަ ތަންތަން، ހަވާލުވެފައިއޮންނަ ސަރުކާރުގެ މުއައްސަސާއަކީ، ވުޒާރާތުލްމާލިއްޔާ ކަމުގައި ގިނަދުވަސްތަކެއްވަންދެން ހަމަޖެހިފައިއޮތެވެ. ފަހުން މިތަން ބަދަލުވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ނަމަށެވެ.


ތައްޖެހުމުގެ ބޭނުން:

ކޮންމެ ދުވަސްވަރެއްގައިވެސް ސަރުކާރު ހިންގުމަށްޓަކައި އާމްދަނީހޯދަން ޖެހެއެވެ. ސަރުކާރަށް އާމްދަނީލިބޭ މައިގަނޑު އެއްމަގަކީ ރައްޔިތުން ކުރާ މަސައްކަތުން ސަރުކާރަށް ބައެއް ނެގުމެވެ. މިގޮތުން ނަގަނީ އެކިމަސައްކަތުން އެކިވަރަށް އެކި ނަންނަމުގައެވެ. ތައްޖަހާ ރުކުގެ ލިބޭ ކާށީން ސަރުކާރަށް ދެބައިކުޅަ އެބައި ނެންގެވިއެވެ.


ފަރުދީ ފެންވަރުގައި މީހަކު އަމިއްލައަށް އިންދާ ހެއްދިނަމަވެސް ނުވަތަ ރަށުގެ ވެރިން ރައްޔިތުންލައްވާ ރުއްގަސް އިންދި ހެދިކަމަށްވިއަސް އެދެބާވަތުގައި ތައްޖަހައެވެ. ތައްޖަހަނީ ރުއްވެރި ފަރާތަށް ( އަމިއްލައަށް) އެއްރުކުގައި ތައްޖެހުމަށްފަހު، ބަންޑާރައަށް – އަނެއްރުކުގައެވެ. މިގޮތަށް ތައްޖަހަމުންގޮސް އަމިއްލައަށް ބާރަރުއް – އަދި ބަންޑާރައަށް ބާރަރުކުގައި ތައްޖެހުމަށްފަހު ފަންސަވީސްވަނަ ރުކުގައި ތައްޖަހަނީ ތައްކަށީ ރުކެއްކަމަށެވެ. ކެވެލި ހަމަނުވެ ބާކީ ރުކެއް ހުރެއްޖެނަމަ އެރުކެއް ތައްޖަހަނީ ދެބައަށެވެ. ( ސަރުކާެާއި އަމިއްލައަށެވެ.) މިރުކުން ލިބޭތަކެތި ދެބައަށް ބަހަނީއެވެ.


ފަޅުރަށްރަށާއި، މީހުންދިރިއުޅޭ ރަށްރަށުގައި ބިމުން ސަރަޙައްދު ވަކިކުރެވިފައި ހުންނަ ހިންނަފަދަ ތަންތަނާއި، ބަންޑާރަބިން ވަކިކޮށްފައި ހުންނަ ރަށްރަށުގެ ބިމުގެ ބައްޑާރަބައިގާ ހުންނަ ރުކުގައި ތަކެއްނުޖަހައެވެ. އެއީ އެތައްތަނުގައި ހުންނަ ރުއްފަދަ ތަކެއްޗަކީ ބަންޑާރަ ތަކެތިކަމަށް ވާތީއެވެ. ސަރުކާރުން، ކޮންމެވެސް ފަރާތަކަށް ވަރުވާއަށް ލިޔެދެއްވަނީއެވެ. މިލިޔެދެއްވާ ބަޔަށް " ބަންޑާރަގަނޑު" ނުވަތަ " ގޮއިފާލައްބަ " އޭ ކިޔައެވެ.


ބަންޑާރަގަނޑު ލިއުއްވާ މީހަކަށް، ތައްޖެހީމާ ފާލައްބަކުރެވިގެން ބަންޑާރައަށް ނެގުނު ރުއްގަހުން ލިބޭތަކެތީގެ އިތުރަށް ގޮއިނަގާ ބާވަތްތަކުން ނެގޭ ގޮއިބައިވެސް ލިބޭނެއެވެ. ގޮއި – ފާލައްބަ މިނަން ކިއިފާ މިއޮތީވެސް މިދެބައި ހިމެނިގެންނެވެ.

 

   ސަރުކާރަށް ލިބޭނީ ތަން ލިއުއްވިފަރާތުން ކޮންމެއަހަރަކު އެއްފަހަރު ސަރުކާރަށް ދައްކާ އެތަނުގެ ވަރުވާއެވެ.


ތައްޖަހާއަދަދު:

-        އަމިއްލަ ރުއްގަހުގައި    1 ތައް

-        ރައްޔިތުންގެ ރުއްގަހުގައި 2 ތައް

-        ބަންޑާރަ ރުއްގަނޑުގައި  3 ތައް

-        ދެބައި ރުއްގަހުގައި     4 ތައް

-        ތައްކަށީ ރުއްގަހުގައި    5 ތައް

ތައްޖަހާފައި ހުންނަނީ މަތިންތިރިއަށް އޮލަނބަށެވެ. ފަސްތައް ޖެހުމުގައި މަތިން ތިރިއަށް ތިންތައް ޖަހައި މެދަށްހުންނަ ދެވަނަތަކުގެ ދެފަރާތުގައި ދެތައްޖަހައި ފަސްތައް ހަމަކޮށްފައި ހުރެއެވެ.

   

ތައްނުޖަހާ ތިންނަމެއްގެ ރުއްހުރެއެވެ. އެއީ ވަޤުފުރުކާއި، މަސްޖިދު ރުކާއި، ކަށުވަތު ރުކެވެ.

·        ވަޤުފު ރުކަކީ މަދީނާގެ ޒިޔާެަތްފުޅަށް ވަޤުފުކޮށްފައި ހުންނަ ރުކެވެ. މިރުއް ރުކުގައި ވަޤުފު ނުވަތަ ޢަރަބިއަކުރުން  -- އަޅާފައި އޮވެއެވެ.

·        މަސްޖިދު ރުކަކީ އެކިގޮތްގޮތުން ރަށުގެ މިސްކިތަށް ލިބިފައި ހުންނަ ރުކެވެ. މިރުއް ރުކުގައި މަސްޖިދު އަޅާފައި އޮވެއެވެ. މަސްޖިދު ރުކަށް މިސްކިތު ރުކޭވެސް ކިޔައެވެ.

·        ކަށުވަތު ރުކަކީ މީހުންވަޅުލާފައި އެބިމަށް ދީފައިހުންނަ ރުކެވެ. މިރުއް ރުކުގައިވެސް ކަށުވަތް އަޅާފައި އޮވެއެވެ.

މަޢުލޫމާތު:

ރިޓަޔަރޑް މޭޖަރ ޖެނަރަލް އަހްމަދު ނައީމް އަދި ނާސަރީ ބުކްޝޮޕްގެ އިތުރުން ކުރީގެ ބައެއްލިއުންތަކުން ހޯދިފައި

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page